އިބިލީހުގެ ހަކުރު ތިކި

Nazy
އިބިލީހުގެ ހަކުރު ތިކި
=ދާލު=  ހަވީރު ނޫސް (15 ފެބްރުއަރީ 2011)

ތެދު ތެދަށް ދަންނަވާނަމަ އަޅުގަނޑުމެން އެންމެންވެސް އިބިލީސް ދެކެ ރުޅި އަންނަމުއެވެ.  އިބިލީހަށް ނަފުރަތުކުރަމުއެވެ.  އެއީ އެސޮރުގެ ކަމަކީ އަޅުގަނޑުމެންގެ މެދުގައި ހުރިހާ ނުބައިކަމެއް އުފެއްދުން ކަމަށްވާތީއެވެ.  ރަނގަޅު މީހުންނަށް މަގު އޮޅުވާލާތީއެވެ.
މީގެ ދެތިން ދުވަސް ކުރިން ރައްޓެއްސަކު ދެއްކި ވާހަކައެއްގައި ކޮންމެވެސް ކަމަކަށް މިސާލުޖަހަމުން އޭނާ ބުންޏެވެ.  އެއީ ހަމަ އިބިލީހުގެ ހަކުރު ތިއްކެކޭ އެއްވެސް ތަފާތެއް ހުރި ކަމެއް ނޫނެވެ.  ދެން އޭނާ ކިޔައިދިނީ، ޒަމާނުއްސުރެ ތުންތުންމަތިން ކިޔެމުން އަންނަ ފުލޯކު ވާހަކައެކެވެ.  އެވާހަކަ އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ.

އޭނާ ކިޔާދިނެވެ.  އެއީ މީހުނަށް ބައެއް ފަހަރު އިބިލީސް ފެނިއުޅުނު ދުވަސްވަރެވެ.  އެދުވަސްވަރު މީހަކަށް އެސޮރު ފެނިގެން އޭނާ ބުންޏެވެ.  ކަލޯ ތިޔައީ އަހަރެމެންގެ ހުރިހާ ކަމެއް ނުބައިކޮށް ފަސާދަކުރާ މީހެކެވެ.  ކަލޯގެ ހުރި ނުބައިކަން ނިކަން ބަލާބަލާށެވެ.
އެސޮރު ބުންޏެވެ.  ތިޔަހެން ނުބުނާށެވެ.  ނުބައީ އަހަންނެށް ނޫނެވެ.  ހުރިހާ ގޯހެއް ހަދަނީ ހަމަ ކަލޭމެން އަމިއްލައަށެވެ.  ދެކެން ބޭނުންނަމަ މީގެ މިސާލެއް ދައްކާލަފާނަމެވެ.

ދެން އެސޮރު ދިޔައީ ދިޔާ ހަކުރު ވިއްކާ މީހެއްގެ ފިހާރަ ދޮށަށެވެ.  ދެން ހަކުރު އަޅާފައިހުރި ރުނބައިން ތިއްކެއް ނަގާފައި ހަކުރު ރުނބާ ޖައްސާފައި ހުރި ބިތުގައި ހަމަ ރުނބަޔާ ދިމާ މަތީގައި އެއިން ކުޑަ ހަކުރު ތިއްކެއް ޖެއްސެވެ.  ޖަހާފައި ބުންޏެވެ.  ދެންވާ ގޮތް ބަލަން ހުންނާށެވެ.  އަދި ބަލަމުން ދާށެވެ.  އިހަށް މިތާނގައި ހުންނާށެވެ.  މިހެން ބުނުމާއެކު އެސޮރު ގެއްލިއްޖެއެވެ.
އޭނާ އެތާނގައި ބަލަން ހުއްޓާ ފުރަތަމަ އެ ހަކުރު ތިއްކަށް އަންނަން ފެށީ މެއްސެވެ.  މެހިތައް އައިތާ މާ ގިނަ އިރެއްނުވެއެވެ.  މެހިތައް ކާން އެތަނަށް ހޯނުތައް ބޮނޑިވާން ފަށައިފިއެވެ.  ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަކުރު ވިއްކާ މީހާ އަވަދިނެތި އުޅެމުން ހަކުރު ރުނބާ އަނގަމަތިން ބަހައްޓާފައި ދެވުނު ވަގުތު އެތަނުން ހޯނެއް ހަކުރު ރުނބަޔަށް ވެއްޓިއްޖެއެވެ.
މިހެން މިކަން ހިނގާފައި ވަނިކޮށް އެފިހާރައިން ހަކުރު ގަނެގެން ގެންދިޔަ މީހެއްގެ ކުޑަ ހަކުރު ބާލިދީ ތެރޭން މަރުވެފައި އޮތް ހޯނެއް ފެނިގެން އޭނާ އެ ހިފައިގެން އެފިހާރަ ދޮށަށް އަތުވެއްޖެއެވެ.  މިކަންކަން ބަލަމުން ގެންދިޔަ ކަލޭގެޔަށް އެތަނަށް އާދެވުނު އިރު އޮތީ އެމައްސަލަ ޖެހިފައެވެ.  ދެފަރާތުން ބަސް ހޫނުވަމުން ހޫނުވަމުން ގޮސް ގަޔަށް އަތްލާ ހިސާބަށް ކަންތައް ހިނގައްޖެއެވެ.  ވަރަށް އަވަހަށް ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެއްޖެއެވެ.  ދެނަކާ ދެނެއް ނެތެވެ.  ދެފަރާތުން މީހުން އައިސް މާރާމާރީ ހިންގަން ފަށައިފިއެވެ.

މިކަލާގެ ދުރަށް ޖެހި ކުޅިބަލަން ހުއްޓާ ފަހަތުން މީހަކު އައިސް އިޝާރާތެއް ކޮށްލިހެން ހީވެގެން ބަލާލިއިރު އެއްކަލަ އިބިލީސް މިހިރީ އައިހެވެ.  އޭނާ ބުންޏެވެ.  ހުރި ނުބައިކަން ބަލާށެވެ.  ތިޔަކުރިކަމަކުން އެފެށުނީ ބޮޑު ހަނގުރާމައެކެވެ.  އެސޮރުއެއް މިޔަކަނުން ހީނލާފައި ބުންޏެވެ. "ތިހެން ނުބުނޭ! ތަޅާ ފޮޅުމަކަށް އެކަން ބަދަލުކޮށް ބޮޑު ހަނގުރާމައަކަށް އެކަން ހެދީ އެމީހުން.  އެކަން ރީތިކޮށް ޙައްލުކޮށްލި ނަމަ އެ ވީނުން؟"

އެބުނީ ތެދެކެވެ.  އެހެން ނަމަވެސް އިންސާނުންނަކީ އިންސާނުންނެވެ.  މިހަހަލަކަމަކަށް ރުޅިނައިހެއް ނުތިބެވޭނެއެވެ.  ކިތަންމެ ކުޑަކޮށް ނަމަވެސް ފިތުނައަކަށް ވާގޮތަށް ކަމެއް ރާވައިގެންކޮށްފި ނަމަ މިނަތީޖާ ނުނިކުމެއެއް ނުދާނެއެވެ.  ތަންދޮރު ނުބެލުމާއި ރުޅި އިސްކުރުމަކީ އަދި މިކަންކަމުގައި އަވަސް އަރައިގަތުމަކީ އިންސާނީ ތަބީޢަތެވެ.  މިކަން މިހެން ހިނގާނެއެވެ.
ވާހަކައަކީ ފުލޯކު ވާހަކަޔަކަށް ވިޔަސް ވާހަކައިން ލިބިދިން މެސެޖު ރަނގަޅެވެ.  މިފިތުނައިގެ އޮށް އިންދި މީހާ އިންދި މަޤުޞަދު އޭނާ ޙާޞިލުކޮށްފިއެވެ.  ދުނިޔާގައި މިބާވަތުގެ ގިނަ ކަންތައް ފެށިފައިވާގޮތާއި ކުރިޔަށް ދާ ގޮތުން މިޙަޤީޤަތް ހާމަވާނެއެވެ.
ވަރަށް ކެތްތެރި ބުއްދިވެރިންނަށް ނޫނީ މިކަހަލަ މަޅި މަޅިން ސަލާމަތްވެ، ރެކޭކަށް ނޭނގޭނެއެވެ.  މަޝްހޫރު ރައިވަރު ވެރިޔެއްކަމަށްވާ ނައިބު ތުއްތު ވިދާޅުވެފައިވާ ފަދައިން "ހިތުގެ ސާބިތުކަން ނުގެއްލި ކެތްތެރިވާން އެނގުނު އަޅަކަށް އެއީ، ކިތަންމެ ދެރަ މީހެއްކަމުގައިވިޔަސް އެއްވެސް ކަމެއް ބޮޑުވެގެންނެއް ނުދާނެއެވެ."  އެކަމަކު މައްސަލައަކީ އެންމެންނަކީ އެވަރުގެ މީހުންނަށް ނުވުމެވެ.  އެހެންކަމުން އެފަދަ ކަންކަމާ ގުޅިގެން ދުނިޔާގައި ބޮޑެތި ފިތުނަތައް އުފެދި ހުޅުފަޅައިގެންދަނީއެވެ.

= ނިމުނީ =

To Top