ފިލާވަޅު ދަސްކުރުމުގައި އެހީތެރިވެދޭނެ ހަތް ކަމެއް

Nazy
ކޮންމެ ކުއްޖަކަށްވެސް ފިލާވަޅު ދަސްކުރުމާއި ހަނދާން ކުރުމުގެ ޤާބިލިއްޔަތު އަމިއްލައަށް އުފެއްދިދާނެއެވެ. ބައެއް ދަރިވަރުން ފިލާވަޅު ދަސްކުރަން އުނދަގޫ ވެގެން އުޅޭތީ ފެނެއެވެ. އެކަމަކު އެއީ އަމިއްލައަށް އުފައްދަން ޖެހޭ ހުނަރަކަށް ވާތީ އެ ހުނަރު ލިބި ނުގަނެވޭނޭ އެއްވެސް ކުއްޖަކު ނުހުންނާނެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ކުރިން އުޅުނު ކުލާހުގައި މާ މަތީ ވަނައެއް ނުލިބުމަކީ މިހާރު އުޅޭ ކުލާހުގައި ދެރަ ވާން ޖެހޭ ކަމެއް ނޫނެވެ.


ކިޔެވުމާއި ފިލާވަޅު ހަނދާން ބެހެއްޓުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އެއީ ކިހިނެއް ކުރާނޭ ކަމެއް ހެއްޔެވެ؟ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ފިލާވަޅު ދަސްކުރާނޭ ރަނގަޅު ގޮތެއް ކަނޑައެޅުމެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. މާނައަކީ ތިމާއަށް ފިލާވަޅު ދަސް ކުރެވޭނޭ ކަމުގެ ޔަޤީންކަން ހިތުގައި ބޭއްވުމެވެ.

މި ޒަމާނުގެ މާހިރުން ވިދާޅުވާ ގޮތުގައި ކާމިޔާބު ކަމާއެކު ފިލާވަޅު ދަސް ކުރަން ބޭނުން ނަމަ ސަމަލުކަން ދޭން ޖެހޭ ހަތް ކަމެއް އޮވެއެވެ. އެއީ އެ ހަތް ކަމެއްގެ ސަބަބުން ސިކުނޑި ތަނަވަސްވެ ބުއްދި ހުޅުވިގެންދާ ހަތް ކަމެވެ.


1.    ޝައުޤުވެރިކަން

އެންމެ ފުރަތަމަ ކަމަކީ ޝައުޤުވެރިކަމެވެ. ޝައުޤުވެރިކަމެއް ނެތް ނަމަ އެއްވެސް ކަމެއް އެ ކަމެއްގެ ފުރިހަމަ ގޮތުގައި ކުރުމަކީ އެކަށިގެންވާ ކަމެއް ނޫނެވެ. ކިޔާ އެއްޗެއް ރަނގަޅަށް ވިސްނައިގަނެވޭނީ އެ އެއްޗެއްގެ މައްޗަށް ހުންނަ ޝައުޤުވެރިކަމެއްގެ ބޮޑު ކަމުންނެވެ. އަޑުން އަޑު ނަގާފައި އެއްޗެއް ކިއުމަކީ ދަސްވާ ކަމެއް ނޫނެވެ. ދަސްވާނީ އެ ކިޔާ އެއްޗެއް ރަނގަޅަށް ވިސްނުނީމައެވެ.
މައިންބަފައިންނަށް ކުރެވޭނޭ ކަމަކީ ފިލާވަޅު ދަސްކުރަން ބޭނުންވާ ވަސީލަތްތައް ފަހި ކޮށް ދިނުމެވެ. އަދި ފިލާވަޅު ދަސްކުރަން ބާރު އަޅައި ނަޞޭޙަތްތެރި ވުމެވެ. ޝައުޤުވެރިކަން އުފައްދަން ޖެހެނީ އަމިއްލައަށެވެ. ކިޔަވާ މާއްދާއަކީ ކިޔަވާ ހިތުން ކިޔަވާ މާއްދާއަކަށް ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މައްދާއެއްގެ މައްޗަށް ޝައުޤުވެރިކަން އުފެދޭ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި އެ މައްދާއަކާއި ދިރިއުޅުމާ ހުންނަ ގުޅުމަކީ ވަރަށް ބޮޑު އެއް ސަބަބެވެ. މިސާލަކަށް ކުރަހައިގެން ދިރިއުޅުމެއް ބިނާ ކުރުމުގެ ޝައުޤުވެރިކަން ހިތުގައި އޮންނަ މީހަކު ކުރެހުމުގެ މާއްދާއަށް ބަހައްޓާ ޝައުޤުވެރިކަން ވަރަށް ބޮޑު ވާނެއެވެ.
އެކަމަކު މިއީ އެންމެ ފަސޭހަ އިން ކިޔެވުމަށް ޝައުޤުވެރިކަން އުފެދޭ ގޮތެވެ. މި ފަދަ ގޮތަކަށް ޝައުޤުވެރިކަން އުފެދިފައިވާ މީހަކަށް އެއްވެސް މީހަކު ދޭނޭ އިތުރު ނަޞޭޙަތެއް ނޯންނާނެއެވެ. ޙަޤީޤަތުގައި އުނދަގޫ ވަނީ ދިރިއުޅުމާ މާ ބޮޑު ގުޅުމެއް ނެތް މާއްދާތަކަށް ޝައުޤުވެރިކަން އުފެއްދުމެވެ. މި ފަދަ މާއްދާތަކަށް ޝައުޤުވެރިކަން އުފައްދަން އެންމެ ފަސޭހަ ގޮތެއް ކަމަށް މާހިރުން ވިދާޅުވަނީ ތިމާ ޝައުޤުވެރިވަ މާއްދާ އަކާ ކޮންމެވެސް ގޮތަކުން އެހެން މާއްދާތައް ގުޅުވުމެވެ.


2.    ރޭވުން

ކޮންމެ ކަމެއްވެސް ކުރަން ފެށުމުގެ ކުރިން އެ ކަމެއް ކުރާނޭ ގޮތެއް ރޭވުމަކީ ވަރަށް މުހިއްމު ކަމެކެެވެ. ޢަމަލީ ސިފައެއް ގެންނާނީ އޭގެ ފަހުންނެވެ. ރޭވުމޭ މި ބުނަނީ ވަކި ތާވަލެއް ހަދައިގެން އޭގައި ހުންނަ ގަޑިތަކުގައި ފިލަވަޅު ދަސް ކުރުމުގެ ވާހަކައެއް ނޫނެވެ. ޙަޤީޤަތުގައި ރޭވުމަކީ ނަފްސު ރޭވުމެވެ. ތައްޔާރު ކުރުމެވެ.
ނަފްސު ރޭވުމޭ ބުނެވޭ ބަހުގެ މާނައަކީ ތިމާ އިސްކަން ދޭ ކަންތައްތައް ތަރުތީބު ކޮށް ރޭވުމެވެ. އަދި ބޭކާރު ކަންތައްތަކުން ދުރުހެލިވާން ނަފްސު ހޭނުމެވެ.  މިސާލަކަށް ފިލާވަޅު ދަސްކުރަން ކަނޑައަޅާފައި އޮންނަ ގަޑީގައި އެހެން ކަމެއް ކުރާ ހިތް ވިޔަސް އެ ކަމެއް ފަހަތަށް ޖައްސާލާފައި ފިލާވަޅު ދަސް ކުރުމަށް އިސްކަން ދިނުމަކީ ނަފްސު ރޭވުމެވެ. ނުވަތަ ހޭނުމެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ.

3.    އަމިއްލަ ނަފްސަށް އިތުބާރު ކުރުން
އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ ކޮންމެ ކަމެއްވެސް ފުރިހަމަ ކަމާއެކު ކުރިއަށް ގެންދިއުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ކަމެކެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރާ ކަމަކީ ތިމާއަށް ކުރެވިދާނޭ ކަމެއް ކަމުގެ ޔަޤީންކަން ހިތުގައި އޮންނާން ޖެހޭނެއެވެ. އެހެންނޫނީ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެ ކަމެއް އޮންނާނީ ކުރެވޭ ގޮތް ނުވެފައެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ ވަރަށް އާދަޔާ ޚިލާފު ނަތީޖާ ނުކުންނަ ކަމެކެވެ. ބޮޑެތި ކަންތައްތައް ވަރަށް ކުދި ކުދި ކަންތައްތަތަކެއްގެ ގޮތުގައި ފެނިގެންދާ ކަމެކެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރާ މީހެއްގެ ކުރިމަތީގައި ބޮޑު ކަމެއް ނޯންނާނެއެވެ. ވުމާއެކު އިމްތިޙާން ކިތަންމެ އުނދަގޫ ވިޔަސް ކެރިގެން ކުރިމަތިލާން ދަސް ކުރާށެވެ. ފިލާވަޅުތައް ދަސްކުރަން ވާނީ އިމްތިޙާނުން އެއްވަނަ ހޯދުމުގެ ނިޔަތުގައެވެ. އެ ކަމުގެ ޔަޤީންކަން ހިތުގައި ބާއްވައިގެންނެވެ.

4.    ކުރިއަށް ދިއުމުގެ އެދުން
ރަނގަޅު ދަރިވަރަކު ހަމައެކަނި އިމްތިޙާނުން ފާސް ވުމުގެ ބޭނުމުގައި ކިޔަވާ ދަރިވަރަކަށް ނުވާނެއެވެ. ރަނގަޅު ދަރިވަރަކީ އެ އިމްތިޙާނަކުން އެއް ވަނަ ނުވަތަ ލިބެން އޮތް އެންމެ މަތީ ވަނައެއް ހޯދަން މަސައްކަތް ކުރާ ދަރިވަރެކެވެ. އެންމެ މޮޅު ދިހަ ދަރިވަރުންގެ ތެރޭގައި ހިމެނުމުގެ ބޭނުމުގައި މަސައްކަތް ކުރާ ދަރިވަރަކު ސާދަ ނުވަތަ ފަނަރަ ވަނައިގައި ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު އެންމެ ފުރަތަމަ ވެސް ހިތުގައި ކަނޑައަޅަން ވާނީ އެއް ވަނަ ހޯދާށެވެ. އެންމެ މޮޅު ތިން ކުދިންގެ ތެރޭގައި ހިމެނޭނޭ ގޮތަކީ މިއީއެވެ.

5.    ހޯދުމުގެ ޝައުޤުވެރިކަން
ކަންތައްތައް ހޯދުމުގެ ޝައުޤުވެރިކަން ތިމާގެ ކިބައިގައި ހަރުލެއްވުމަކީވެސް ފިލާވަޅު ދަސްކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމެކެވެ. އެހެން މީހުންނާ ސުވާލު ކޮށްގެން ކަންތައްތައް އޮތް ނެތް ގޮތް ބަލައި އޮޅުން ފިލުވުމަކީ ފިލާވަޅު ދަސް ކުރުމުގައި ކޮންމެހެން ބޭނުން އެއް ކަމެވެ. މިއީ ކޮންމެ ދަރިވަރަކުވެސް އަމިއްލައަށް ތިމާގެ ކިބައިގައި އަށަގަންނުވަން ޖެހޭ ސިފައެކެވެ.


6.    ހަމަހަމަކަން

ގިނަ ބައެއްގެ ތެރޭގައި އުޅޭ އިރު އެ ބަޔަކާ ގުޅިގެން އުޅެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވުމާއެކު އެކީގައި ކިޔަވަން އުޅެ ކުދިންނާ ގާތް ގުޅުމެއް ބާއްވަން ވާނެއެވެ. ކުލާހު ކުދިންނާ އޮންނަ ގުޅުން ރަނގަޅު ވީ ވަރަކަށް ތިމާގެ ދިރިއުޅުމަށް އުފާވެރިކަން އަންނާނެއެވެ. އޭގެ ސަބަބުން ސިކުނޑި ތާޒާ ވާނެއެވެ. ވިސްނައި ފިކުރު ކުރަން ޖެހޭ ކަންތައްތައް މަދު ވާނެއެވެ. މިއީވެސް ފިލާވަޅު ދަސްކުރަން ފަސޭހަ ވެގެންދާ ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


7.    ބުއްދި 

އެއް ދުވަސްވަރެއްގައި ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ކިޔަވާ ކުއްޖެއްގެ ވިސްނުމާއި ބުއްދި ހުރި ފެންވަރެއް އެނގެނީ އެ ކުއްޖަކު ބައިވެރިވާ އިމްތިޙާނެއްގެ ނަތީޖާއިންނެވެ. އެކަމަކު ފަހުގެ ތަޖުރިބާތަކުން އެނގޭ ގޮތުގައި ކުއްޖާގެ ވިސްނުމުގެ ފެންވަރު ބެލުމުގައި ސަތޭކައިން ސަތޭކައަށް ބުރަވެވޭ އެއްޗަކަށް އިމްތިޙާނުގެ ނަތީޖާއެއް ނުވެއެވެ. އެ ނަތީޖާގެ ސަބަބުން ކުއްޖާގެ ވިސްނުމުގެ މިސްރާބު ހުންނަ ދިމާ ކަނޑައެޅުމުގައި ކޮންމެވެސް ވަރެއްގެ އެހީއެއް ލިބުނު ކަމުގައި ވިޔަސް ވިސްނުމުގެ މޮޅު ދެރަ ވަކި ކުރަން ފަސޭހަ ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންސާނާ ވިސްނަން ފަށަނީ ދިރިއުޅުމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެކި މަރުޙަލާތަކުގައި ވިސްނުން ހުންނަނީ އެކި މިންވަރަށެވެ. ނަފްސާނީ ޢިލްމުގެ މާހިރުން ވިދާޅުވާ ގޮތުގައި ވިސްނުންތެރިކަމުގެ ދެތިން ދަރަޖައެއް އޮވެއެވެ. އެއިން ކޮންމެ ދަރަޖައެއް ބިނާ ވެފައި އޮންނަނީ އެ މީހެއްގެ ޤާބިލްކަން ހުރި މިންވަރެއްގެ މައްޗަށެވެ.
ވިސްނުންތެރިކަން ތޫނު ކުރުމުގެ ގޮތުން ކުރެވިދާނޭ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. މިސާލަކަށް ތިރީގައި މިވާ ކަންތައްތަކުގެ ސަބަބުން ވިސްނުން ތޫނު ވެގެން ދާނޭ ކަމަށް މާހިރުން ވިދާޅުވެއެވެ.

1)      ގިނައިން ފޮތް ކިޔުން.
2)      ފެންނަ ކޮންމެ އެއްޗަކާ މެދު ވިސްނުން ހިންގައި އެ އެއްޗެއްގައި އެކުލެވިފައިވާ ސިއްރުތައް ދަނެގަނެވޭތޯ ބެލުން.
3)      ކިޔާ އެއްޗަކާ ބެހޭ ގޮތުން ނުވަތަ ފެންނަ އެއްޗަކާ ބެހޭ ގޮތުން އަމިއްލަ ރައުޔެއް ޤާއިމު ކުރުން.
4)      އާދައިގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކާ މެދު ފިކުރު ހިންގައި އުޅުން.
5)      މީސް މީހުންގެ ނަމާއި އެކި ތާރީޚުތައް ހަނދާން ބެހެއްޓޭތޯ މަސައްކަތް ކުރުން.
6)      ހިސާބު ނަންބަރުތައް ހަދައި އެ ނަންބަރުތައް ހަދާނޭ ގޮތް އަމިއްލައަށް ހޯދައިގަންނާން މަސައްކަތް ކުރުން.
7)      އެކަށީގެންވާ ކަމެއް ނަމަ ވިސްނުން ހިންގާ ކޮންމެ ކަމެއް ދެތިން ހަތަރު ގޮތަކަށް ބަލައި ނަތީޖާ ނެރެވޭތޯ މަސައްކަތް ކުރުން.
8)      ގާތް މީހުންނާ މަޝްވަރާކޮށް އެކި ކަންކަމުގެ ޙައްލު އެ މީހުންގެ ފަރާތުން ހޯދޭތޯ މަސައްކަތް ކުރުން.
9)      ގިނަ ބަސް (ލަފްޒު) ދަސް ކުރުން.
10)  އަވަހަށް ވިސްނަން ފަރިތަ ކުރުން.

(ތަރުޖަމާއެއް)

To Top