ވަރަށް ކުރީ ޒަމާނެއްގައި ބޮޑު
އާފަލުގަހެއް ހެދިފައި ހުއްޓެވެ. ކުޑަ
ކުޑަ ކުއްޖަކު ކޮންމެ ދުވަހަކުވެސް މިގަސްދޮށަށް އައިސް ކުޅެ ހަދައެވެ. ގަހުގެ އެންމެ ކުރިއަށް އަރާ، އާފަލު ބިނދެ، އާފަލު
ކައި އަދި ގަސް ދޮށުގައި ބައެއް ފަހަރު ނިދާ ހަދައެވެ. މިގަސް ދެކެ މިކުއްޖާ ވަރަށް ލޯބިވެއެވެ. އަދި ގަސްވެސް ހަމައެފަދައިން މިކުއްޖާ ދެކެ
ލޯބިވެއެވެ. ދުވަސްތައް ފާއިތުވަމުން
ދެއެވެ. މިކުޑަ ކުއްޖާ ވެސް ބޮޑުވަމުން
އާދެއެވެ. އަދި ބޮޑު ވީވަރަކަށް
އާފަލުގަސް ދޮށަށް އައިސް ކުޅެ އުޅުން މަދުވާން ފެށިއެވެ.
އެއް ދުވަހަކު މިކުއްޖާ އާފަލު
ގަސްދޮށަށް އައެވެ. އަދި މާދެރަވެފައި
ހުރިހެން ހީވުމުން އާފަލުގަސް އެކުއްޖާއަށް ބުންޏެވެ. "އަހަރެން ކައިރިއަށް އައިސް އަހަރެންނާއެކު
ކުޅެ އުފާކޮށްލަން އާދޭ!" "މިހާރު
އަހަރެންނަކީ އެހާ ކުޑަ ކުއްޖެއް ނޫނީ،
ކިހިނެތް ގަހަކާއެކު އަހަރެން ކުޅެ ހަދާނީ" އެކުއްޖާ ބުންޏެވެ. "އަހަރެން ބޭނުންވަނީ ކުޅޭ ސާމާނު"
އެކުއްޖާ އާފަލު ގަހާ މުހާތަބުކުރިއެވެ.
"ހާދަ ދެރައޭދޯ! އަހަރެންގެ
އަތަކު ފައިސާއެއް ނެތް! އެކަމަކު ކަލޭ
ބޭނުން ނަމަ އާފަލު ބިނދެގެން އެ ވިއްކައިގެން ލާރި ހޯދިދާނެ!" އާފަލުގަސް ބުންޏެވެ. ވަރަށް އުފަލުން ގަހުން އާފަލު ބިނދެގެން
އެކުއްޖާ ދިއައެވެ. އަދި އޭގެ ފަހުން
އާފަލު ގަސް ދޮށަކަށް އެކުއްޖާއެއް ނާދެއެވެ.
މިހެންވުމުން އާފަލުގަސް ވަރަށް ދެރަވިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަނެތްކާވެސް
އެއް ދުވަހަކު އެއްކަލަ ކުއްޖާ އާފަލުގަސް ދޮށަށް އަތުވެއްޖެއެވެ. މިހާރު އެއީ ކުޑަ ކުއްޖެއް ނޫނެވެ. މިހާރު އެއީ ޒުވާން ފިރިހެނެކެވެ. "އާދޭ އަހަރެންނާއެކު ކުޅެން" އާފަލުގަސް ޒުވާނާއާއި ދިމާލަށް ބުންޏެވެ. ޖަވާބުގައި ޒުވާނާ ބުންޏެވެ. "ތިގޮތަށް ކުޅެ އުޅޭކަން މަށަކަށް މިހާރު
ވަގުތެއް ނެތް. އާއިލާއެއް ބަލަހައްޓަން
ޖެހޭ. ދިރިއުޅޭނެ ތަނެތް ހަދަން
ޖެހޭ. އަޅެ އަހަރެންނަށް އެހީއެއް
ވެވޭކަށް ނެތްތަ؟" "ހާދަ ދެރައޭދޯ!
އަހަރެންގެ ގެއެއް ނެތް. އެކަމަކު
ކަލޭ ބޭނުންނަމަ އަހަރެންގެ ގޮފިތައް ކަނޑައިގެން ގެންދޭ. އެއިން ގެއެއް
އަޅާ" އާފަލުގަސް ބުންޏެވެ. ޒުވާނާ އުފަލުން އާފަލުގަހުގެ ގޮފިތައް ކަނޑައި
ގެ އެޅުމަށްޓަކައި އުފަލުން ހުރެ ދިއައެވެ.
އާފަލުގަސް މިކަމާ އުފާކުރިއެވެ.
ނަމަވެސް ޒުވާނާ އެނބުރި ނައުމުގެ ސަބުބުން އާފަލުގަހަށް އަނެތްކާވެސް
މާޔޫސްކަން ލިބުނެވެ. އާފަލުގަސް
އެކަނިވެރިވެ ހިތާމަކުރަންފެށިއެވެ.
ހޫނު މޫސުމުގެ ދުވަހެކެވެ. އެއް ކަލަ ޒުވާނާ އާފަލުގަސް ދޮށަށް
އަތުވެއްޖެއެވެ. އާފަލުގަސް ވީ އުފަލުން
ބުނެވުނެވެ. " އާދޭ! މަށާއެކު ކުޅެން"
"މިހާރު މީ ޒުވާންކަން ގެއްލި ދުވަސްވަމުން ދާމީހެއް، މަ ބޭނުންވަނީ އަރާމުކޮށް ހިތް
ހަމަޖައްސާލަން. ބޯޓެއް ބަނދެގެން އެ ބޯޓުގައި
ދަތުރުކޮށް ހިތް އުފާކޮށްލަން. މަށަށް
ބޯޓެއް ހޯދަދީ ބަލަ!" އެމީހާ ބުންޏެވެ. "އަހަރެންގެ ގަސްގަނޑުން ތި ބޭނުންވާ
ކަހަލަ ބޯޓެއް ބަނދޭ! އަދި ހިތް އުފާކޮށް
މަޖާކޮށްލަންދޭ!" އާފަލުގަސް
ބުންޏެވެ. ބޯޓު ބަނުމަށްޓަކައި ގަސް
ކަނޑައިލިއެވެ. އަދި ބޯޓުގައި ހިތް އަރާމުކޮށްލުމުގެ ދަތުރު
ފެށިއެވެ. އަދި އެނބު އާފަލުގަސް ދޮށަކަށް
އޭނާއެއް ނާދެއެވެ.
އެންމެ ފަހުން އެތައް އަހަރެއް
ފާއިތުވީފަހުން އެއްކަލަ މީހާ އާފަލު ގަސްދޮށަށް އަތުވެއްޖެއެވެ.
"ކޮއިފުޅާ! މިހާރު އަހަރެންގެ އަތަކު ކަލެއަށް ދޭނެ އާފަލެއް
ނެތް!" އާފަލުގަސް ބުންޏެވެ.
ޖަވާބުގައި އެމީހާ ބުންޏެވެ. "އަހަރެންގެ އަނގަ އަކު ދަތެއް
ނެތް!"
"މައްޗަށް އަރާނެ ގޮތްޕެއްވެސް
ނެތް!" އާފަލު ގަސް ބުންޏެވެ.
"ތިކަން ކުރާ ވަރަށްވުރެ އަހަރެން
މިހާރު މުސްކުޅި" އެމިހާ ޖަވާބުގައި
ބުންޏެވެ.
"މަގޭ އަތަކު ކޮއިފުޅަށް ދޭނެ
އެއްޗެއް މަރުވަމުން މިދާ މޫތައް ފިޔަވާ ނެތް" އާފަލުގަސް ނިކަމެތި އަޑަކުން ބުންޏެވެ. "އަހަރެން މިހާރަކު މާކަ ގިނަ
އެއްޗިއްސެއް ބޭނުމެއްނޫން. މިހާރު ބޭނުން
ވަނީ ހަމަޖެހިލައި އަރާމުކޮށްލަން." ގަހާ ދިމާއަށް އެމީހާ ބުންޏެވެ.
"ރަނގަޅު. މިމޫތަކަކީ ތިކަމަށް
އެންމެ ރަނގަޅު އެތި. އާދޭ! އާދޭ! މިތާ އިށީދޭ!
އަހަންނާއެކު ވަގުތައް ހޭދަކޮށްލާ!"
އާފަލުގަސް ބުންޏެވެ.
އާފަލު ގަސް ދޮށުގައި އެމީހާ
އިށީނެވެ. އަދި އުފަލާއެކު ހިނިތުން
ވެލިއެވެ. ލޮލުން އުފާވެރިކަމުގެ ކަރުނަ
ފާއްދާލިއެވެ.
މިވާހަކައަކީ ކޮންމެ މީހަކާވެސް ގުޅޭ
ވާހަކައެކެވެ.
އެގަހަކީ އަހަރެމެން ގެ މައިން
ބަފައިން ފަދަ އެއްޗެކެވެ.
އަހަރެމެން ޅަ އިރު، މަންމަ
ބައްޕައާއެކު ކުޅެ ހަދަމުއެވެ.
ބޮޑު ވުމުން، އެމީހުން
ދޫކޮށްލަމުއެވެ. ކަމަކަށް ބޭނުންވުމުން
ނުވަތަ ދަތިކަމެއް ފިލުވަންވުމުން އެނބުރި އެމީހުންގެ ގާތަށް ދެވެއެވެ.
ކޮންމެ ފަދަ ޤުރުބާނީއެއް ވެގެންވެސް މައިން ބަފައިން އަހަރެމެންގެ އުފަލަށްޓަކައި ކޮންމެ ފަދަކަމެއްވެސް ކޮށްދެއެވެ.
އެކުއްޖާ އެގަހާ މެދު އިހާނާތްތެރިކޮށް
ހިތިކަމަށް ފަހަރެއްގައި ހީވެދާނެއެވެ.
ނަމަވެސް މައިން ބަފައިންނާއި ދޭތެރޭ އަހަރެމެންނަށް ކަންކުރެވިފައި ހުރީ
އެބީދައިންނެވެ. އެމީހުންގެ ޤުރުބާނީގެ
އަގު އަހަރެމެންނަކަށް ރޭކާލަނީ ވަގުތު ފާއިތުވާފަހުންނެވެ.
ގަދަ ކީރިތިވަންތަ ﷲ އަހަރެމެންނަށް ފާފަ
ފުއްސަވާ ތެދު މަގު ދައްކަވާނދޭވެ!
-ނިމުނީ-